ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ އަހަރީ ބައްދަލުވުމުގެ އިވެންޓް މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އަންނަ މެއި މަހުގެ 3-15 އަށް ބާއްވާ އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގެ އިވެންޓް މެނޭޖް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކައް ބީލަން ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00ގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށް ގުޅާލައިގެން ސާފުކުރެވިދާނެއެވެ. މިނިސްޓްރީން ބުނީ ބީލަމާގުޅޭ މައުލޫމާތި ދިނުމުގެ ބައްދަލުވުމެއް 31 މާރޗް 2026 ވާ އަންގާރަ ދުވަހުގެ 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ބައްދަލުވުމަށް އަންދާސީ ހިސާބު ހިފައިގެން ހާޒިރުވުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ހުޅުވާލާ މިނިސްޓްރީން އާންމުކުރި އިއުލާނުގައި އެއްކަރުދާސްކޮށްފައި ވެއެވެ.
މިއީ، ރާއްޖޭގައި އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ސަރަޙައްދީ ކަނޑުމަހުގެ އާބާދީ ދެމެހެއްޓެނިވި އުސޫލެއްގެ މަތިން ބެލެހެއްޓުމެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ.