ކަށިމިޔަރުގެ މަސްވެރިކަމަށް އާންމުކޮށް ހުޅުވާލައި، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނާއި، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ގަވާއިދު އާންމުކޮށްފިއެވެ.
ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދާއި ޕްލޭން މިއަދު ފިޝަރީޒް މިނިސްޓްރީން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އެއަށް އަމަލުކުރަން ފަށާފައެވެ.
ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަކީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭނެވެ. މި ގަވާއިދުގެ މަގްސަދުތަކުގެތެރޭގައި، ކަށިމިޔަރު މަސްވެރިކަން ރާވައި، ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، ޒިންމާދާރުގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުމުގެ އިތުރުން، ކަށީމިޔަރުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވިގޮތެއްގައި ކުރިއެރުވުމުގައި ޝާމިލުވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގުދައްކައިދިނުން ހިމެނެއެވެ.
މި ޕްލޭންގެ ދަށުން އާންމުކޮށް ކަށިމިޔަރު ކިޔާ ހުރިހައި ބާވަތްތައް މެނޭޖްކުރާނެއެވެ. އަދި، ދިވެހިރާއްޖޭގައި ހިންގާ ކަށިމިޔަރުގެ ހުރިހައި ބާވަތަކައް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކައް މި ޕްލޭން ހިނގާނެއެވެ. އޭގެތެރޭގައި ކަށިމިޔަރު ނެގުމާއި، ޕްރޮސެސްކުރުމާއި، ރައްކާކުރުމާއި، ގަނެވިއްކުމާއި، ކަށިމިޔަރު އަސި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ހިމެނެއެވެ. އަދި މި ޕްލޭންގައި ހިމެނޭ ދާއިރާގައި ހިމެނޭ ހަރާކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަރަހަށާއި، ޕްރޮސެސްކުރާ ތަންތަނަށް އަދި އެކްސްޕޯޓްކުރާ ތަންތަނަށްވެސް މި ޕްލޭން ހިނގާނެއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދަކީ، ދިވެހި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒްކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ގަވައިދެކެވެ. މި ގަވާއިދުގައި ވާގޮތުން، ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒު ކުރުމާއި މުރާޖާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ. މި ކޮމިޓީ އުފައްދަން ޖެހޭނީ ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައެވެ. ކޮމިޓީއަށް މެންބަރުން އައްޔަންކުރައްވާނީ މިނިސްޓަރެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި، ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން އެކަމަށްޓަކައި ދޫކުރާ ލައިސަންސެއް ނަގައިގެންނެވެ. ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރާ އެންމެހައި ފަރާތްތަކާއި ތަންތަނުންނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ލައިސަންސް ނަގަންޖެހޭނެއެވެ. މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް
ދޫކުރެވޭނ،ީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ލައިސަންސަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް ދަފްތަރުކުރަންޖެހޭނެކަމަށާއި، ލައިސަންސް ދޫކުރުމުގައ އިސްކަންދޭނ،ީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންކަމަށް ގަވައިދުގައި ބުނެފައިވެއެވެ. މިނިސްޓްރީން ދޫކުރާ ލައިސަންސްގެ މުއްދަތަކ،ީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
ކަށި މިޔަރުގެ މަސްވެރިކަމަށް ލައިސަންސް ދޫކުރާ މުއްދަތާއި ފީ:
މަސްވެރިކަންކުރާ އުޅަނދު: 12 މަސްދުވަސް / 2,000ރުފިޔާ
ޕްރޮސެސްކުރާ ފަރާތްތައް: 12 މަސްދުވަސް / 5,000ރުފިޔާ
ސަޕްލައިކުރާ ފަރާތްތައް: 12 މަސްދުވަސް / 3,000ރުފިޔާ
ގަަވައިދުގައިވާގޮތުންނަމަ، ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގައިފިނަމަ، ކެޔޮޅާއި، އޮޕަރޭޓަރު ނުވަތަ ލައިސަންސްގެ ވެރިފަރާތް ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަންވާނެ ކަަަމަށްވެސް ގަވައިދުގައި ބުނެފައި ވެއެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައި ހިންގަން ކަނޑައަޅާފައިވާއިރު، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މީލާދީ ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. އަދި މިފަދަ މަސްވެރިކަން ކުރާ ފަރާތްތަކަށް ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ކަނޑައަޅައިފައިވާ ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށްވެސް ގަވައިދުގައި ވެއެވެ.
އެ ގަވައިދުގައިވާގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށް ބުނެފައި ވެއެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައި ވެއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރީން ރާއްޖޭގައި ކުރި އަދި އޭގެން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދު ވަމުން ދިއުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށްވެސް މިޔަރުގެ އުދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގައި މިޔަރުގެ މަސްވެރިކަން 1970 ގެ އަހަރުތަކުގެ ތެރޭގައި ފެށިނަމަވެސް، އެކަން ފުޅާވެގެން ގޮސްފައިވަނީ 1980 ގެ އަހަރުތަކުގައި ލޭނު މަސްވެރިކަން ތަޢާރުފުވުމާއެކުގައެވެ. މި މަސްވެރިކަން ފުޅާވެގެން އައިއިރު އާންމުކޮށް މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ އުތުރުގެ ރަށްރަށުގައެވެ. ކަށިމިޔަރު މަސްވެރިކަމުގައި މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އަތޮޅު ބޭރު، ފުން ހިސާބުތަކުގައި އުޅޭ ކަށިމިޔަރުގެ ތިން ބާވަތަކަށެވެ.