ރ. މަޑުއްވަރީ ކައުންސިލުން ގައުމީ މަސްވެރިންގެ ދަފްތަރާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވައިފި އެވެ. މަޑުއްވަރީ ކައުންސިލުން މި މައުލޫމާތު ސެޝަން ބާއްވާފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، އެ ބައްދަލުވުމުގައި މަސްވެރިންގެ ގައުމީ ދަފްތަރާ ގުޅޭ މައުލޫމާތު އެރަށުގެ އޮޑިވެރިންނާއި، ކެޔޮޅުންނާއި، މަސްވެރިންނާ ހިއްސާކޮށްފައި ވާކަމަށެވެ.
މަސްވެރިންގެ ގައުމީ ދަފްތަރު އިފްތިތާހުކޮށް ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ ހަފުތާ-14 މަގުޗާޓުގައި ހިމަނައިގެން ކުރިޔަށްގެންދާ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ، މިއަދާ ހިސާބަށް އާއިރު މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ނުވާތީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަށެވެ. ދަފްތަރާ ގުޅޭގޮތުން މީގެ ކުރިން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ދަފްތަރެއް ނެތުމުން މަސްވެރިންނަށް ބޭންކްތަކުން ދޫކުރާ ފެސިލިޓިސްތަކަށް އެކްސެސެނުވުމާއި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުން ދޭ ޚިދުމަތްތައް މަސްވެރިންނަށް މިހާރު ނުލިބޭކަމަށެވެ. އަދި، ދަފްތަރު ފުރިހަމަ ވެގެން ދިއުމާއެކު އެކަންކަމަށް ހައްލުލިބި މަސްވެރިންނަކީ ދައުލަތް ދަންނަ ވަޒިފާ އަދާކުރާ ބަޔަކަށް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މަސްވެރިންގެ ފުރިހަމަ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެކަމަށް ޚާއްސަ ޓީމެއް އުފައްދާފައިވާއިރު، މިޓީމު މަސައްކަތް ކުރަމުން ދަނީ ރާއްޖެ 6 ޒޯނަކަށް ބަހައިލައިގެންނެވެ. އަދި ކޮންމެ ޒޯނަކަށް ކޯޑިނޭޓަރެއް ކަނޑައަޅައި، އެ ޒޯނަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމެނޭ ޓީމެއް ނަގައި މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.












