މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.
”ފުވައްމުލައް ސިޓީ ކައުންސިލް މަސްރޭސް 2025″ގެ ނަމުގައި ބާއްވާ މި މަސްރޭސް އޮންނާނީ މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަސްކަމަށްވާ މިއަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
ސިޓީ ކައުންސިލުން މިހާރުވަނީ މިރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރޭހުގައި ބައިވެރިވެވެނީ ކޮންމެ ޓީމަކުންވެސް މަސްރޭހުގައި ބޭނުންކުރާނެ މަސްވެރި އުޅަނދެއްގެ ނަމާއ،ި ބައިވެރިވުމަށް ޚާއްސަކުރެވިފައިވާ ފޯމުން އެޓީމެއްގެ ނަން ރަޖިސްޓްރީ ކޮށްގެންނެވެ. ރޭހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2025 ގެ 12:00 ގެ ކުރިން ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ކައުންސިލުން އެދިފައިވެއެވެ. ކެޔޮޅު ހިމެނޭގޮތަށް ކޮންމެ ޓީމެއްގައިވެސް މަދުވެގެން 3 މެންބަރުން އަދި ގިނަވެގެން 8 މެންބަރުން ތިބެންވާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ރޭހުގެ ގަވާއިދު ކައުންސިލްގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖުގައިވަނީ އާންމުކޮށްފައެވެ. އަދި ރޭހާ ގުޅޭގޮތުން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވެއެވެ. ގަވައިދުގައިވާގޮތުންނަމަ، މަސް ރޭހުގައި ވަނަތައް ހޮވުމަށް ޖަޖުންގެ ޕެނަލްގައި މަސްވެރިކަމުގެ ތަޖުރިބާކާރު 3 ބޭފުޅުން ހިމެނެއެވެ. އަދި ޓީމުތަކަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ބޮޑު މަސް އަދި ބޭނި ހުރިހާ މަހެއްގެ ބަރުދަނަށެވެ. ވަނަވަނައަށް ދާ ޓީމްތަކަށް ދޭން ނިންމާފައިވަނީ ފައިސާގެ އިނާމެވެ.
ރޭހުގެ ވަނަތައް:
– އެއްވަނަ ޓީމް: ދިހަހާސް ރުފިޔާ
– ދެވަނަ ޓީމް: ހަތްހާސް ރުފިޔާ
– ތިންވަނަ ޓީމް:ފަސްހާސް ރުފިޔާ
– އެންމެ ބޮޑު މަސް ބޭނި ޓީމް:ތިންހާސް ރުފިޔާ
މިރޭހުގެ ބައެއްގެ ގޮތުގައި އާންމު މަސްވެރިންނަށް ޚާއްސަ ކެޓެގަރީއެއް ހިމެނެއެވެ. ރޭހުގެ ގަވާއިދުގައިވާގޮތުގައި، 10 ޑިސެންބަރު 2025 ވަނަ ދުވަހު މަހަށްފުރާ އަދި އެދުވަހުގެ 07:00 އާއި 10:30 އާއި ދެމެދު މަހުން ލަފާ، މަސްކިރާ ކޮންމެ އުޅަނދަކަށް ރޭހުގައި ބައިވެރިވެވޭނެއެވެ. ވަނަ ހޮވުމުގައި ބަލާނީ އެންމެ ގިނައިން މަސް ކިރާފައިވާ އުޅަނދަކަށް ކަމަށާއި، އެންމެ ގިނައިން މަސް ކިރާ ޓީމަކަށް ފަސްހާސް ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާކަމަށް ގަވައިދުގައި ވެއެވެ.