ސަރުކާރު މަސްކުންފުނި، މިފްކޯއަށް މަސްގަތުމަށް މީގެ ކުރިން ސަރުކާރުން ސަބްސިޑީ ދެމުންދިޔަނަމަވެސް، މިހާރު ސަބްސިޑީ ފައިސާ ދިނުން ހުއްޓާލާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވީ، މިފްކޯއިން މަސް ގަތުމަށް މިހާރު ސަރުކާރުން އެއްވެސް ސަބްސިޑީއެއް ނުދޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ އަމިއްލައަށް ކޮޅަށް ހުރެގެން މަސައްކަތްކުރެވޭ ކުންފުންޏަކަށް ހެދުމަށްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރެއްވި މަގުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށް ސަރުކާރަކުންނެއް މަސްގަންނާށެ ކިޔާފަކާ އެންމެ ރުފިޔާއެއްވެސް މިހާރު މިފްކޯއަކަށް ނުދޭ،“ މިކަން ކަށަވަރުކޮށްދެއްވަމުން ވަޒީރު ވިދާޅުވިއެވެ.
މިހާރުގެ ހާލަތު ކުރީގެ ސަރުކާރާ އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 25 ރުފިޔާއަށް މަސް ގަންނަން ހަމަޖެއްސުމުން، ސަރުކާރުން ސަބްސިޑީގެ ގޮތުގައި ކިލޯއަކަށް 13 ރުފިޔާ މިފްކޯއަށް ދައްކަން ޖެހުނު ކަމަށެވެ. ރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 100،000 އާއި 123،000 ޓަނާ ދެމެދުގެ އަދަދަކަށް ކަޅުބިލަމަސް ބާނާއިރު، މިއީ ބިލިއަނުން ދޭންޖެހޭ ސަބްސިޑީއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދިނުމުގެ ބަދަލުގައި، އެ ފައިސާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށާއި ފެކްޓަރީތައް އެޅުމަށް ޚަރަދުނުކުރީ ކީއްވެތޯ ވަޒީރު ސުވާލު އުފެއްދެވިއެވެ. އަދި 40 އަހަރު ވީއިރުވެސް އޮތީ ފެލިވަރުގައި އޮތް އެންމެ ފެކްޓަރީއެއް ކަމަށާއި، މުޅި ރާއްޖޭގެ ޕްރޮސެސިންގ ކެޕޭސިޓީ އުޅެނީ ޕްރައިވެޓް ކުންފުނިތަކާ އެކު ގާތްގަނޑަކަށް 105 ޓަނުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނަކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފ.ނިލަންދޫގަޔާ ގދ.ފިޔޯރީގަޔާ އަދި ފެލިވަރުގައި މިހާރު އެހެރަ 50 ޓަނު އަޅުގަނޑުމެން 100 އަކަށް ޓަނަށް މި ބަދަލުކުރަނީ. އިރާދަކުރެއްވިއްޔާ މި މަސައްކަތްތައް އަޅުގަނޑުމެންނަށް ނިމިގެންދާއިރު ދިވެހިރާއްޖޭގެ މި ތިންގުނަ ކުރެވުނީ،“ ވަޒީރު ވިދާޅުވިއެވެ.
މި ބަދަލާއެކު މަހުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރުކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިޔާސަތުތަކުގެ ސަބަބުން އެކްސްޕޯޓް ކުރެވޭ މަހަށް ލިބޭ އަގު އިތުރުވެ، މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.