ލ. ފޮނަދޫ ބަނދަރު ސަރަހައްދުގައި މަސް މާރުކޭޓެއް އަޅަން ނިންމައި، ބީލަން އުސޫލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ފޮނަދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ބީލަމަށް ހުޅުވާލާ ކައުންސިލުން އިއްޔެ އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މަސް މާރުކޭޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށާއި، އެކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތައި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާކަމަށެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ހުށަހަޅަންޖެހެއެވެ. ކައުންސިލުން ބުނީ، ބިޑްގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ފޯމް ހުށަހެޅުމާއެކު ދޫކުރާނެކަމަށެވެ.
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް މި ބީލަމުގައި ބައިވެރިވެވޭނެއެވެ.
ބިޑް ޑޮކިއުމެންޓް ގަންނަން 150 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެންބަރު 03ވަނަ ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެކަަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި ބީލަން ހުޅުވަން ނިންމާފައިވާކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބީލަމަށް ހުޅުވާލާ އާންމުކުރި އިއުލާނުގައި ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާހާއި، މާރުކޭޓުގެ ކުރެހުމާއި އެނޫނަސް ބީލަންވެރިންނަށް މުހިންމުވާނެ ހުރިހައި މައުލޫމާތެއް އެއްކަރުދާސްކޮށްފައިވެއެވެ.