ރޭގެ ނިޔަލަށް މާލެ ސަރަހައްދުގައި 53 ހާހަށް ވުރެ ގިނަ ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެެވެ.

އެ ވުޒާރާއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ. މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގައި ވަނީ ނިންމާލާފައެވެ. އެހެންނަމަވެސް އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމަޔަށް މަސްދަޅު ކޭސް ދޫކުރާނެކަމަށާއި، މަސްދަޅު ކޭސް މިއަދުން ފެށިގެން ދޫކުރަމުންދާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.