މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެތެރޭގައި ހިމަނައިގެން، މަސް ރޭހެއް ބާއްވަން ރ. ރަސްމާދޫ ކައުންސިލުން ނިންމައި، އެ ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
”އޫރީދޫ މަސްރޭސް“ގެ ނަމުގައި ބާއްވާ މި ރޭސް އޮންނާނީ 2025 ޑިސެމްބަރ 05ވާ ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ރޭގަނޑު 19:30 އަށް ކަމަށް އަށް ކަމަށް ކައުންސިލުން ބުންޏެވެ. މަސްރޭސް ފަށަނީ އެދުވަހުގެ މެންދުރުފަހު 14:00ގައި ކަމަށާއި، ރޭސް ނިންމާލާނީ އެދުވަހުގެ ރޭގަނޑު 19:30 ގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި، ރޭގަނޑު 19:30 ގެ ފަހުން ރަށަށް އަންނަ ޓީމްތަކުން ޑިސްކޮލިފައިވާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
މަސްރޭހުގައި ބައިވެރިވެވެނީ، އެކަަމަށް ކަނޑައަޅާފައިވާ ފޯމް ފުރައިގެން ކަމަށާއި، ރޭހުގައި ބައިވެރިވެވޭނީ ފޯމާއެކު ހުށައަޅާ ޓީމް ލިސްޓްގައި ހިމެނޭ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުނެފައި ވެެއެވެ. މިއަދުން ފެށިގެން 2 ޑިސެންބަރުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމް ބަލައިގަންނާނެކަމަށާއި، ދީފައިވާ ސުންގަޑީގެ ފަހުން ފޯމް ހުށައަޅާ ޓީމްތަކަށް ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ނުދޭނެކަމަށް ކައުންސިލް ބުނެފައި ވެއެވެ.
ރަސްމާދޫ ކައުންސިލުން އެކުލަވާލާފައިވާ ރޭހުގެ ގަވައިދުގައިވާގޮތުންނަމަ، 01, 02 އަދި 03 ވަނަ ޓީމް ހޮވާނީ އެބަޔަކު ކިރާ މަހުގެ ބަރުދަނަށް ބަލާފައެވެ. އަދި އެންމެ ބޮޑު މަސް ބާނާ އަންހެން އަދި ފިރިހެން ބޭފުޅަކު ހޮވޭނީ 05 ކިލޯއިން މަތިން ބަރުދަން ހުންނަ އެންމެ ބޮޑުމަސް ބާނާ ފަރާތެކެވެ. އިނާމުގެ ގޮތުގައި ދެނީ ފައިސާގެ އިނާމެވެ.












