ރާއްޖޭގެ އެކި ސަރަަހައްދުތަކަށް މިހާރު ކުރަމުންދާ ދުންފުހުގެ ނޭދެވޭ އަސަރުތަކައް ދާއިމީ ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފި އެވެ.
ރާއްޖެއަށް ކުރަމުންދާ ދުންފުހުގެ އަސަރާ ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެންމެ މަތީ އިސްކަމެއް ދޭނެކަން ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މިގޮތުން، ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ. ސަރުކާރުން މިކަމާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުމާއި، ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.












