ރ. މީދޫ ބަނދަރުގައި ޕާކްކުރާނެ ސަރަހައްދެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މިކަމާގުޅޭގޮތުން އެރަށު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ޕާކިން އޭރިޔާ އެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އަދި، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 27 ވަނަ ދުވަހުގެ 11:00 އަށް ވަނީ ތާވަލުކޮށްފައެވެ. މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބީލަމަށް ރަޖިސްޓްރީކުރުމުންކަމަށް ކައުންސިލުން ބުނެފައިވެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ މިމަހުގެ 27 ވަނަ ދުވަހުގެ 14:00 އެވެ. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުގެ 11:00ގައެވެ.
ބީލަމާގުޅޭ އިތުރު މަޢުލޫމާތު procurement@raameedhoo.gov.mv އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅާލުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ކައުންސިލުން ބުންޏެވެ.