މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މާދަމައިން ފެށިގެން ކުޑަކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ނިންމެވުން އިޢުލާނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލުގެ އަގަށް ގެނައި މި ބަދަލަކީ އެ ބަދަލުގެ ސަބަބުން މަސްވެރިންނަށް މިހާރު ތެޔޮދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ދެވުނު ލުޔެއްކަމަށެވެ. އަދި މިގެނެވުނު ބަދަލާއެކު މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެކަމަށާއި، ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.72 ރުފިޔާއަށް ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ތެޔޮ ވިއްކާނީ 14.43 ރުފިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.
ތެލުގެ އަގަށް ގެންނަން ނިންމި މި ބަދަލާއެކު، މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް މާދަމައިން ފެށިގެން ތެޔޮ ވިއްކަމުން ދާނީ 13.90 ރުފިޔާ އަށެވެ. އަދި 3 ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ 13.72 ރުފިޔާއަށެވެ. މީގެ އިތުރުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގުވެސް ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުން ދާނީ 14.43 ރުފިޔާއަށެވެ.
މިއަގުގައި ތެޔޮ ވިއްކަނީ މިފްކޯއާއި، ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާޢްމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ ސަރުކާރުން ވަނީ ފަށާފައެވެ. އަންނަ މާޗްމަހުގެ ނިޔަލަށް މިމަޝްރޫއު ނިންމާލެވޭނަކަމަށް ސަރުކާރުން ބުނާއިރު،އެމަޝްރޫއުގެ ދަށުން ގާއިމުކުރި އެންމެ ފުރަތަމަ ސްޓޭޝަން އިއްޔެވަނީ ހުޅުވާފައެވެ. އެސްޓޭޝަން ގާއިމުކޮށްފައިވަނީ ރ.ދުވާފަރުގައެވެ.