48ގަޑީއިރުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 1016 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި، މަސްވެރިންނަށް ފައިސާ ދޫކުރަމުންދާގޮތް ބަޔާންކުރައްވަމުމް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2024ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން ސަރުކާރު މަސް ކުންފުނި، މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ދޭންޖެހޭ ފައިސާ 48 ގަޑީއިރުގެތެރޭގައި މެދު ނުކެނޑި ދައްކަމުން އަންނަކަމަށެވެ. އަދި، 10 ޑިސެންބަރު 2024 އިން ފެށިގެން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް އެއްހާސް ސޯޅަ މިލިއަން ތިން ލައްކަ ނަވާވީސް ހާސް ތިންސަތޭކަ ހަތްދިހަ ހަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިފްކޯއަށްް މަސްވެރިން މަސްކިރާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މަސްވެރިންނަށް މިސަރުކާރުން ލިބިގެންދިޔަ އެންމެ އުފާވެރި ކަމަކީ 48ގަޑީއިރުން ފައިސާ ލިބެންފެށުމެވެ.ކިރާ މަސްކޮޅަށް ބަރާބަރަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހި، އަދި އިންތިޒާމުތައް ދާއިމީގޮތެއްގައި ހިނގާނެކަމުގެ ޔަގީންކަން ލިބުމާއެކު، އެތައް ޒަމާނެއްވަންދެން މަސްވެރިން އުފުލަމުންދިޔަ ތަކްލީފަށްވަނީ ނިމުމެއްއައިސްފައެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަން ސިންދަފާތުކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުކުރުމެވެ. ވަކީން ޚާއްސަކޮށް މަސްވެރިންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، މަސްވެރިން ތެލަށާއި އައިހަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށް ސަރުކާރުންދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހައި އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯ ބޭސް ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް ލޯނު ހަމަަޖައްސައިދިނުމާއި، މިހާރު އައިސް ލިބެންނެތް ބައެއް ސަރަހައްދުގައި އައިސް ޕްލާންޓްތައް ގާއިމުކުރުމަށް ކުރިޔަށްގެންދާ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ. އަދި، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމުގެ އަޒުމުގައި މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލާވާލައި، ސަރުކާރުގެ މުވައްޒަފުންނަށް ބީއެމްއެލްއިން ދޫކުރާ ލޯނު ފެސިލިޓީތައް މަސްވެރިންނަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސައިދީފައެވެ.