މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގައި މަސް ކިރަން ބޭނުންކޮށްފައިވާ 2 އުަޅަނދެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނިންމައިފި އެވެ.
މިކަމާގުޅޭގޮތުން އިއްޔެ އެ ކުންފުނިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ މަސް ކިރާ ދެ ބޯޓުކަމުގައިވާ ”ރަންދި 22“ އަދި ”ރަންދި 27“ ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި، ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށާއި، ޑިޕޮސިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުކަމަށް ކަނޑައަޅާފައިވާ އަގުގެ %10 ދައްކަންވާނެކަމަށް ބުނެފައި ވެއެވެ. ނީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން، ސިޓީ މެއިލް ކުރަން ޖެހެނީ bid@mifco.mv އަށެވެ.
ނީލަމުގައި ވިއްކާލާ އުޅަނދު ފަހަރާއި ބެހޭ މައުލޫމާތު:
ނީލަން ނަންބަރު
އުޅަނދުގެ ނަން
އުޅަނދުގެ ބާވަތް
އޮތްތަން
ނީލަން ފެށޭއަގު
މަދުވެގެން އިތުރު ކުރެވޭނެވަރު
AUC-1
ރަންދި 22
ކަލެކްޓަރ ވެސަލް (ދަނގަޑު)
ޅ. ފެލިވަރު
500,000.00
25،000.00
AUC-2
ރަންދި 27
ކަލެކްޓަރ ވެސަލް (ފައިބަރ ގްލާސް)
ޅ. ފެލިވަރު
600,000.00
25،000.00
މިފްކޯއިން ބުނާގޮތުގައި، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގު ހުށަހަޅަންޖެހޭނީ އެކަމަށް ޚާއްސަކޮށްގެން މިފްކޯގައި ބަހައްޓާފައިވާ ފޮށްޓަށް ކަމަށާއި، އަގު ހުށަހަޅަންޖެހެނީ ކޮންމެ ނީލަމަކަށް ވަކި ސިޓީއެއްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ނީލަމުގައި ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00 ގައި މިފްކޯގެ ވެބްސައިޓު (https://mifco.mv/auctions) ގައި ޝާޢިއުކޮށް، ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 3 ދުވަސް ވެއަތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިންމާލެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން އިތުރަށް ބުނެފައިވާގޮތުގައި، ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދައްކާ އުޅަނދުގެ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެ އުޅަނދަކާ ހަވާލުވާން ޖެހެއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި އުޅަނދާ ހަވާލުނުވެއްޖެނަމަ އެ އުޅަދެއް އަލުން ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު މިފްކޯއަށް ލިބިގެންވާކަމަށްވެސް ބުނެފައި ވެއެވެ. އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމާއި، އުޅަނދާ ހަވާލުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރަންޖެހެނީ ނީލަން ކާމިޔާބުކުރާ ފަރާތުންނެވެ.
ނީލަމުގައި ވިއްކާލާ ”ރަންދި 22“ އަކީ،31 މެއި 2010 އިން 30 އޯގަސްޓް 2021 ގެ ނިޔަލަށް މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ 36 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ އުޅަނދެކެވެ. އަދި، ”ރަންދި 27“ އަކީ،01 އޮކްޓޯބަރު 2018 އިން 05 ޖެނުއަރީ 2024 ގެ ނިޔަލަށް މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ 50 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ އުޅަނދެކެވެ. މި ދެ އުޅަނދުވެސް މިވަގުތު އޮތީ މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ. މި އުޅަނދުތައް ބަލަން ބޭނުންވާ ފަރާތްތަކުން ފެލިވަރަށް ދިޔުމުން އުޅަނދުތައް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ 7772920 ފޯނާ ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.