މަސް ގަންނަ ކުންފުނިތަކުން މިދިޔަ އަހަރު މަސް ގަތް މިންވަރު އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މަސް ގަންނަ ކުންފުނިތަކަށް 2024 ވަނަ އަހަރު 53،232 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، ނިމިގެން ދިޔަ 2025 ވަނަ އަހަރު 88،347 މެޓްރިކް ޓަނުގެ މަސް ގަނެފައި ވެއެވެ. މިއީ، ދެއަހަރު އަޅާކިޔާއިރު 66 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރު ކުންފުނިތަކަށް އެންމެ ގިނައިން ގަނެފައިވަނީ ކަޅުބިލަމަހެވެ. ކުންފުނިތަކަށް 72,878.8 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ގަނެފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު 80.2 އިން ސައްތަ އިތުރު އަދަދެކެވެ.
މި ދިޔަ އަހަރު ކުންފުނިތަކަށް 14,950.1 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި މަސް ގަނެފައިވެއެވެ. މިއީވެސް އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު 19.9 އިން ސައްތަ އިތުރު އަދަދެކެވެ.
މިިދިޔަ އަހަރު ކުންފުނިތަކަށް އެންމެ ގިނައިން މަސް ގަނެފައިވަނީ ފެބްރުއަރީ މަހާއި ޑިސެންބަރުމަހުގައެވެ. ފެބްރުއަރީ މަހު 12,224.5 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، ޑިސެންބަރު މަހު 9,959.8 މެޓްރިކް ޓަނުގެ މަސް ގަނެފައި ވެއެވެ. އެންމެ މަދުން މަސް ގަނެފައިވަނީ އޮކްޓޯބަރު މަހުއެވެ. އެއީ 3,661.1 މެޓްރިކް ޓަނުގެ މަހެވެ.