ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދުވެސް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވިއްސާރަކުރަމުން އަންނައިރު މޫސުން އެންމެ ގޯސްކަމަށް ދައްކަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެހެންކަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ މޫސުން ކުރިޔަށް ލަފާކޮށް ސަމާލުތައް ނެރެމުންނެވެ. ފާއިތުވެ ދިޔަ 4 ދުވަހުގެ ތެރޭގައި މުޅިރާއްޖެއަށް މޫސުމީ ސަމާލު ނެރެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 17 ވަނަ ދުވަހުއެވެ. ދެން ހުރިހައި ސަމާލެއް ނެރެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
ރޭ ދަންވަރު 03:30 އިން މިއަދު ހެނދުނު 09:30 އާ ހަމަޔަށް ހއ އިން ފެށިގެން ވ އަތޮޅާ ހަމަޔަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިހާރު ވަނީ ދަންމާލާފައެވެ. އެ ސަމާލު ދަންމާލާފައިވަނީ މެންދުރުފަހު 02:30 އާ ހަމަޔަށެވެ. އެ ސަމާލުގައި ބުނެފައިވަނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ. ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓް އުސްމިނުގައެވެ. އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.