ނ. ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ މަޝްރޫއުގެ މަސައްކަތުގެ އަދާހަމައަށް ބަލާއިރު މަޝްރޫއުގެ ޖުމްލަ %20 މަސައްކަތްވަނީ ނިމިފައެވެ. މިދިޔަ ޖެނުއަރީމަހު ވަނީ ބަނދަރުގެ ކެޕިން ބީމް އެޅުމުގެ މަސައްކަތް ނިންމާފައިވާއިރު، މިހާރު ކުރިޔަށްދަނީ ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީއާ ހަވާލު ކުރީ 2022 ވަނަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހުއެވެ. 47.21 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ މަސައްކަތް ހަވާލުކުރިނަމަވެސް، އެމްޓީސީސީން ސައިޓް މޮބިލައިޒްކޮށް މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން، 67،020 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 19،513 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 2،414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 24،742 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ދޯނި އެހެލާ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. އަދި، 12 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 473 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 167 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،433 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ވެލިދޫ ބަނދަރު ތަރައްގީކުރެވުމާއެކު ރައްޔިތުންނަށް ލަފައިފުރުމުގައި ލުއިފަސޭހަވެ، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީގޮތުން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. ވަކިން ޚާއްސަކޮށް ބަރަވެލި ކަނޑުގެ ބިޔަ ބާނީތަކާ ދެކޮޅަށް ބަނދަރަށް އިތުރު ރައްކާތެރިކަން ލިބި، ބަނދަރުގެ އެއްގަމު ތޮއްޓަށް އިތުރު އޮޑިފަހަރު ކައިރިކޮށް ހެދުމަށް ޖާގަ ލިބިގެންދާނެއެވެ.