މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ) ގެ ސެންޓަރ ފޮރ މެރިން ސްޓަޑީޒް(ސީއެމްއެސް) އިންކުރިޔަށްގެންދާ އެސްޓީސީ ޑަބްލިއު ބޭސިކް ސޭފްޓީ ކޯސްތަކުގެ މިއަހަރުގެ ފުރަތަމަ ބެޗުގެ ކިޔެވުން ފަށައިފި އެވެ.
ސީއެމްއެސްގެ ހެޑް، ކެޕްޓަން މުހައްމަދު ޒާހިދު ވިދާޅުވީ، މިއަހަރު ކުރިޔަށްގެންދަން ރާވާފައިވާ ކޯސްތަކުގެ ތެރެއިން މިއަދު ފެށި 4 ކޯހަކީ، ބޭސިކް ފަޔަރ ފައިޓިންގ، އެލެމެންޓަރީ ފަސްޓްއެއިޑް، ޕާސަނަލް ސަވައިވަލް އެޓް ސީ އަދި ޕާސަނަލް ސޭފްޓީ އެންޑް ރެސްޕޮންސިބިލިޓީ ކަމަށެވެ. އެކު އެކީގައި ކުރިޔަށްގެންދާ މި ކޯސްތަކުގައި ޖުމްލަ 6 ދަރިވަރުން ބައިވެރިވެފައި ވެއެވެ. ކެޕްޓަން ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ޕްރެކްޓިކަލްތައްވެސް ކޮންމެ ހަފުތާއަކު 1 ދުވަހު ވިލިނގިލީގައި ހުންނަ އެމްއެންޔޫ ސަވައިވަލް ސެންޓަރުގައި ކުރިޔަށްގެންދާނެކަމަށެވެ.
ސީއެމްއެސްއިން އިއްޔެ ވަނީ ސެޓިފިކެޓް-4 އިން މެރިން އޮޕަރޭޝަންސް ކޯހުގެ ކިޔެވުންވެސް ފަށާފަ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގައި 6 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މި ކޯހަކީީ އާގު ބޯޓުފަހަރުގެ ނެވިގޭޝަން އޮފިސަރުންނަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކޯހެކެވެ. އޭގެ އިތުރުން މިއީ، އާގު ބޯޓުގެ ކެޕްޓަނަކަށްވާން ބޭނުންވާ ދަރިވަރުން ކިޔަވަން ޖެހޭ އެންމެ ފުރަތަމަ މަރުހަލާގެ ކޯސްވެސް މެއެވެ.












