މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.
މިފްކޯއިން ބުނީ، އަގަށް ގެނައި ބަދަލާއެކު، އެކުންފުނިން މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކަމުންދަނީ 18.50ރ. އަށެވެ. މީގެކުރިން އެކުންފުނިން ތެޔޮ މަސްދަޅެއް ވިއްކަމުން އައީ 17.50ރ. އަށެވެ. މިއީ، 1ރުފިޔާގެ އަގުބޮޑުވުމެކެވެ.
މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށް ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން މަސްދަޅުގެ އަގު ބަދަލުކުރީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެންނެވެ. މާރިޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށްކަމަށް މިފްކޯއިން ބުނެފައި ވެއެވެ.