މަސްވެރިކަމުގެ ސިނާއަތު ރަނގަޅަށް ތަރައްގީ ކުރެވިއްޖެނަމަ، އަމިއްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބޮޑު އާމްދަނީއެއް އެތެރެ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމަކީ އެރަށުގެ ވަރަށް ގިނަ ރައްޔިތުން ޝާމިލުވާ އަދި މިއަތޮޅުގަވެސް ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އެންމެ ބޮޑު އިންޑަސްޓްރީ ކަމުން ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ އުންމީދުތަކާއި ގުޅޭގޮތަށް ސަރުކާރުން ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު މަސްވެރިންނަށް ވީ އެންމެ މުހިންމު އެއް ވައުދުކަމަށްވާ 48 ގަޑީއިރުގެތެރޭގައި ފައިސާ ދިނުން މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި ހަމަ ބަރާބަރަށް ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އަދި، ކުރިޔަށް އޮތް ތާނގަ ދެން ހުރި ކަންކަންވެސް މަސްވެރިންގެ ކަންބޮޑުވުންތަކާއި އަދި މަސްވެރިންގެ ޚިޔާލާއެކު ފުރިހަމަކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
”ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ފަށައިގަންނަން. ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި، ދައުލަތުގެ ބަޖެޓުގެ ތެރެއިން، މަސްވެރި ސިނާއަތް ފުޅާކޮށް މަސްވެރިންނަށް އެ އިންޑަސްޓްރީގަ ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމަށް. އަދި އިތުރު ފަރާތްތައްވެސް މި އިންޑަސްޓްރިއަށް ވަނުމަށް ހިތްވަރު ލިބޭނެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މި އިންޑަސްޓްރީ ކުރިއަރުވަން.“ ރައީސް ވިދާޅުވި އެވެ.












