ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ސްރީލަންކާ ބޯޓެއް ޖޫރިމަނާކޮށް، އެ އުޅަނދާއި އުޅަނދުގައި ހުރި ވަސީލަތްތަކާއި، މުދާ ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ދައުވާކޮށްފައި ވަނީ، ސްރީލަންކާގެ އުޅަނދެއް ކަމުގައިވާ ”ސުދިސަ ޕުތަ 02“ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކުރުމާއި ގުޅިގެން، އެ އުޅަނދުގެ ވެރިފަރާތްކަމުގައިވާ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް އޭނަ އަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ދައުލަތަށް ލިބޭގޮތް ހެދުމަށާއި އެ އުޅަނދު ދައުލަތަށް ނަގައިދިނުމަށެވެ.
ދައުލަތުން ސިވިލްކޯޓަށް ހުށަހެޅި މި ދައުވާއާއި ގުޅިގެން އިއްޔެ ސިވިލްކޯޓުން ވަނީ ބޯޓުގެ ވެރިފަރާތްކަމުގައިވާ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ 700،000ރ. އަކީ ސާބިތު ދަރަނަޏެއްކަމަށް ކަނޑައަޅައި، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދެއްކުމަށް ހުކުމްކޮށްފަ އެވެ. އަދި، މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދާއި އެ މުދަލުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވެސް ހުކުމްކޮށްފައި ވެއެވެ.












