ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށް އެކި ބޭނުންތަކަށްދާ އުޅަނދުތައް ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމަށް ބޭނުންކުރާ އުތުރު ނެރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ވީއައިއޭ އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހުޅުލޭ އުތުރު ނެރު ވަގުތީ ގޮތުން ބަންދުކުރީ، ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެންކަމަށެވެ. އެގޮތުން މިއަދު ހެނދުނު 5:30 އިން ފެށިގެން މިރޭ 7:00 އަށް، ހުޅުލޭގެ އުތުރު ނެރު ބަންދުކޮށްފައިވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބުނީ، އުތުރު ނެރު ބަންދުކޮށްފައިވާ ވަގުތުތަކުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު އަދި ފަޅުން ނުކުތުމަށް މެދުގައިވާ ނެރު ބޭނުން ކުރެވޭނެ ކަމަށެވެ. އަދި، އުތުރު ނެރު ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވީއައިއޭގައި އާ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް މިރޭ ބާއްވާއިރު، އެ މުނާސަބާ ފާހަގަކުރުމަށް މިރޭ 20:30 ހާއިރު މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެ ބަނދަރު ކައިރިން ތިން ސަރަހައްދެއްގައި، ހަ މިނެޓް ވަންދެން ހަވާއެރުވުމަށް ރާވާފައި ވެއެވެ.
އައު ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.