މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފި އެވެ.
މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ކަނޑައަޅާފައިވާ ރަށްކަމުގައިވާ ރ. ދުވާފަރުގައެވެ. ’މަސްވެރިންގެ ދުވަހުގެ މަސްރޭސް 2025‘ ގެ ނަމުގައި، ބާއްވަން ނިންމި މި ރޭސް އޮންނާނީ 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހުއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ހުޅުވާލާ މިމަހުގެ 11 ވަނަ ދުވަހުއެވެ. އޭރު ދިން މުއްދަތު މިމަހުގެ 20 ވަނަ ދުވަހަށް ހަމަވެފައިވާއިރު، މިހާރު ވަނީ ރޭހުގައި ބައިވެރިވުމުގެ މުއްދަތު މިހާރުވަނީ އިތުރުކޮށްފައެވެ. ރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 30 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ، ރޭހުގައި ބައިވެރިވުމަށް ފުރަތަމަ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 20 ޓީމަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.












