ފިޝަރީޒް މިނިސްޓްރީގެ އިސް ވެރިން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ތާރޑް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީގެ ވަފުދާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މިނިސްޓްރީގައި ބޭއްވެވި، މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި، ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ބައިވެރި ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި، ދެ ފަރާތުން އިސްކަންދޭ ކަނޑުގެ ދިރާސާތަކުގެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ޗައިނާގެ ތާރޑް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެކަމުގެ ލިޔުން ބަދަލުކުރުމަށްފަހުގައެވެ. މިއީ، ސައިންޓިފިކް ދިރާސާތަކާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން ކުރާ ތާއީދު އިތުރަށް ހަރުދަނާވެގެންދިޔަ ކަމެއްގެގޮތުގައި ފިޝަރީޒް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.