ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއިން މެރިން މެކޭނިކް ކޯހެއް ބާއްވަން ނިންމައިފި އެވެ.
މިކަމާގުޅޭގޮތުން ކައުންސިލުން ބުނެފައިވަނީ މެރިން މެކޭނިކް ކޯހަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށަން ނިންމި ކޯހެއް ކަމަށެވެ.
އެގޮތުން އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ކައުންސިލުން އިސްނަގައިގެން އެއަތޮޅު ގަން ނުވަތަ ފޮނަދޫގައި މެރިން މެކޭނިކް ކޯހެއް ހިންގުމަށް ގަސްތުކުރެވިފައިވާކަމަށެވެ. ތިން މަހުގެ މުއްދަތަކަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދޭނީ މެރިން މެކޭނިކު ކޯސް ހިންގުމުގެ ހުއްދަލިބިފައިވާ ފަރާތަކުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން މިހާރު ވަނީ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ކޯހަށް ނަން ނޯޓްކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. ނަން ނޯޓްކުރުމުގެ ސުންގަޑިއަކީ 31 އޮކްޓޯބަރ އެވެ. ކޯހަށް ނަން ނޯޓްކުރުމަށް ތައްޔާރުކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ކޯހަށް ނަން ނޯޓްކޮށްލެވޭނެއެވެ.