ފިޝަރީޒް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކޮށް ހަލާުކުވެފައިވާ ގިނަ އަދަދެއްގެ ތަކެތި ނީލަމުގައި ވިއްކާލަން އަނެއްކާވެސް އެ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިއުލާނުކޮށްފައި މިވަނީ ކުރިން ނީލަމަށް ހުޅުވާލި ފުރުސަތުގައި، ކުރިޔަށް ގެންދިޔަ ނީލަން ކިއުމުގައި ބައިވެރިވި އެއްވެސް ފަރާތުން ތަކެތި ގަންނަން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީއެވެ.
މިނިސްޓްރީން ނީލަމުގައި ވިއްކާލާ ތަކެތީގެ ތެރޭގައި އެ މިނިސްޓްރީގައި 9 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތެއްގައި ބޭނުންކޮށްފައިވާ ސީޕީޔޫއާއި، މޮނިޓަރާއި، ކީ ބޯޑާއި، މައުސްއާއި، ލެޕްޓޮޕާއި، ޓެލެފޯނާއި، ރައުޓަރު ފަދަތަކެތި ހިމެނެއެވެ. މިނިސްޓްރީން ނީލަން ކިޔަން އާންމުކޮށްފައިވާ ލިސްޓުގައި 68 އައިޓަމެއް ހިމެނެއެވެ.
ނީލަން ކިޔާ ތަކެތި އަންނަ ބުދަ ދުވަހުގެ 9:00ގައި ދައްކާލުން އޮންނާނެކަމަށާއި، 07 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ނީލަން ކިޔަން ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. ނީލަން ކިޔަން ހަމަޖެހިފައިވަނީ ދުވަހު ނީލަން އުސޫލުންނެވެ.