ވިލުފުށީ ރައްޔިތުންގެ ”ވިލުރޯދި“ ދޯނީގައި ބޭނުންކޮށްފައިވާ އިންޖީނެއް ވިއްކާލަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ބީލަން އުސޫލުން ވިއްކާލަން ނިންމާފައިވަނީ ”ވިލުރޯދި“ ދޯނިންނެގި 14 އަހަރުވަންދެން ބޭނުންކޮށްފައިވާ ޔަންމާ350 ހޯސްޕަވަރުގެ އިންޖީނެކެވެ. އިންޖީނުގައި ގިއަރު ސެޓް ނެތްނަމަވެސް، އިންޖީނުގެ އަލްޓަނޭޓަރާއި، ގިއަރު ރިމޯޓާއި، ސްޓަރޓިން މޯޓަރު ރަނގަޅުކަމަށާއި، ހާނަސް އާއި، މީޓަރު ބޯޑު ބޭނުންކުރެވޭނެކަމަށް ވިލުފުށީ ކައުންސިލުން ބުނެފައި ވެއެވެ. މި އިންޖީނު ވިއްކާލެވޭނެ އެންމެ ކުޑައަގަކީ 50000 ރުފިޔާކަމަށް ބީލަމަށް ހުޅުވާލާ ކައުންސިލުން އާންމުކުރި އިއުލާން ގައި ބުނެފައިވެއެވެ.
ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ. ’ބީލަން އުސޫލުން އިންޖީން ވިއްކާލުމާއި ގުޅޭ ބީލަން ކަރުދާސް‘ ކައުންސިލް އިދާރާއިން ވަނީ ދޫކުރަން ފަށާފައެވެ. ނޮވެމްބަރ 23 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމަޔަށް ބީލަން ކަރުދާސް ދޫކުރާނެކަމަށް ކައުންސިލް އިދާރާއިން ބުނެފައި ވެއެވެ.
ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2025 ނޮވެމްބަރ 26 ވާ ބުދަ ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަގާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.