ށ.ޅައިމަގު ބަނދަރު ސަރަހައްދުގައި މަސް ކަނޑާ އަށްޓެއް ހަދަން ނިންމައި އެތަން ހަދައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
މިކަން އާންމުކޮށް އަންގައި ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެ ކައުންސިލްންދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ބަނދަރު އުތުރުކޮޅުގައި މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އަދި، އެ މަސައްކަތްކޮށްދޭން އެދި ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދިފައި ވެއެވެ.
ކޯޓޭޝަން ހުށަހަޅަން ރަޖިސްޓްރީކުރެވެނީ، ކައުންސިލް ދާރާއިން ދޫކުރާ ”ރަޖިސްޓްރީވުމަށް އެދޭ ފޯމް“ ފުރިހަމަކުރުމުންނެވެ. އެ ފޯމ ހުށަހެޅުމުގެ ސުންގަޑިއަކީ، 2025 ޑިސެމްބަރ 02 ވާ އަންގާރަ ދުވަހުގެ 11:00 އެވެ. ފޯމް ކައުންސިލް އިދާރާއަށްވެސް ހުށަހެޅިދާނެއެވެ. ނުވަތަ info@lhaimagu.gov.mv އަށް ފޯމު މެއިލްކޮށްލައިގެންވެސް ރަޖިސްޓްރީކުރެވިދާނެއެެވެ. ކައުންސިލުން ބުނީ، ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
ކޯޓޭޝަންތައް ބަލައިގަތުން އޮންނާނީ 2025 ޑިސެމްބަރ 04 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.