ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ފަށައިފިއެވެ
އެމްއެންޑީއެފް އިން އިއްޔެ ފެށި މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެއެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އެގޮތުން، މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި، އުޅަނދުން ދަތުރުކުރާ ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ ބަލަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނުގައި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ހަރަކާތްތެރިވަމުން އަންނައިރު، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި، ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަން ވަނީ ނިންމާފައެވެ. އަދި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެކަމަށް އެމްއެންޑިއެފުން ބުނެފައި ވެއެވެ.












