ޖަޕާނު މާކެޓުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ.
މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންކަމަށް މިފްކޯއިންބުންޏެވެ.
މިފްކޯއިން މިބައްދަލުވުމާގުޅޭ މާބޮޑު ތަފުސީލެއް ހާމަނުކުރިނަމަވެސް، މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކޮށް، އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް މިފްކޯއިން ބުނެފައިވެއެވ.
މި ބައްދަލުވުމުގައި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި، ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފްގެ އިތުރުން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި، އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ބައިވެރިވެވަޑައިގެންނެވިއެވެ.