މިއަަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ރ. ވާދޫ ކައުންސިލުން ބާއްވަން ނިންމި މަސްރޭސް ފަސްކުރަން އެކައުންސިލުން ނިންމައިފިއެވެ.
މަސްވެރިކަމުން ނަފާ ހޯދުމަށް ރައްޔިތުން ޝައުޤުވެރިކުރުވައި، މަސްވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ކައުންސިލުން މަސްރޭސް ބާއްވަން ކުރިން ނިންމީ ޑިސެމްބަރ 20ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:00 އަށެވެ.
މަސް ރޭސބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު އައިސްފައިވާކަން އާންމުކޮށް އަންގައި ވާދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މަސް ރޭސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 10 ވާ ހޮނިހިރު ދުވަހުއެވެ. މިއާއެކެ މަސް ރޭހުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކައް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ.
މަސް ރޭހުގައި އަލަށް ބައިވެރިވާ ބޭނުންވާ ފަރާތްތަކުން 2026 ޖެނުއަރީ 07 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ކައުންސިލުން ބުނީ، މަސް ރޭހުގައި ބައިވެރިވުމަށް މިހާރު ފޯމު ހުށަހަޅާފައިވާ ޓީމުތަކުން އިތުރަށް ފޯމު ހުށަހަޅަން ނުޖެހޭނެކަމަށެވެ. އަދި މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، ޓީމަށް ބަދަލު ގެންނަން ބޭނުންވާނަމަ، މިމުއްދަތުގެ ތެރޭގައި ޓީމަށް ބަދަލުގެނައުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް ކައުންސިލުން ބުންޏެވެ.
ވާދޫ ކައުންސިލުން ބުނީ މި މަސްރޭސް ވާދަވެރި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދަން ބޭނުންވާކަމަށާއި، ވާދޫގެ ރަށްވެހިންނާއ،ި ވާދޫގައި ދިރިއުޅޭ ފަރާތްތަކުގެ
އިތުރުން ރަށުން ބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްވެސް ޓިމްތަކުގައި ބައިވެރި ކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ޓީމުގެ މަސްއޫލުވެރިފަރާތް ކަމުގައި ވާންވާނީ ވާދޫގައި ރަޖިސްޓްރީކޮށްފައިވާ ވާދޫގެ ރައްވެއްސެއްކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމެއްގައި ބައިވެރިވެވޭނީ ގިނަވެގެން 5 މީހުންނަށްކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ މި މަސްރޭހުން ވަނަ ވަނައަށް އަންނަ ޓީމްތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވާކަމަށެެވެ. އެގޮތުން، 1 ވަނައަށްދާ ޓީމަށް 8000 ރުފިޔާ، 2 ވަނައަށްދާ ޓީމަށް 5000 ރުފިޔާ އަދި 3 ވަނައަށްދާ ޓީމަށް 3000ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވެއެވެ. އަދި. މަސްރޭހުގައި އެންމެ ބޮޑުމަސް އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވެސް ކައުންސިލުން ނިންމާފައި ވެއެވެ.
މަސްރޭސް ސްޕޮންސަރ ކުރެއްވުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުސަތު 2025 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ކައުންސިލުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މަސްރޭހާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ކައުންސިލް އިދާރާއަށް ގޮސް ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކޮށްގެންް މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ކައުންސިލުން ބުނެފައި ވެއެވެ.