ޖޫން މަހުގެ 22 ވަނަ ދުވަހު ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގެ އާ ބެޗެއް ފަށަން ތައްޔާރުވެފައިވާކަމަށް މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ބުނެފިއެވެ.
އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ނުވަތަ admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެކަމަށް އެމްޓީއައިއިން ބުނެފައިވެއެވެ.
މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި ނެވިގޭޝަން، އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓީއައިން ބުނެފައިވެއެވެ. 30 ގަޑިއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްވެސް ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
މި ކޯހަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.