މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދޭ އެވޯޑުތަކަށް ނަން ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ދިން މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
ފިޝަރީޒް މިނިސްޓްރީން އެވޯޑަށް ނަން ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލީ އޮކްޓޯބަރުމަހުގެ 9 ވަނަ ދުވަހު އެވެ. އެވޯޑަށް އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2024ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. އެހެންކަމަށްވާނަމަ މާދަމައަކީ އެވޯޑަށް ކުރިމަތިލެވޭނެ އެންމެ ފަހު ދުވަހެވެ.
މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ. މިނިސްޓްރީން ބުނީ، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.












