ރާއްޖެއާއި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި، ގަވާއިދާ ޚިލާފަށް ރިޕޯޓްކުރުމެއްނެތި ކުރަމުންދާ މަސްވެރިކަން ހުއްޓުވުމަށް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސްރީލަންކާއާއެކު މަޝްވަރާކޮށްފިއެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ މުޙައްމަދު ރިޒްވީ ޙަސަންއާއި ފިޝަރީޒް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރި ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤަވާއިދާ ޚިލާފަށް، ރިޕޯޓްކުރުމެއް ނެތި އަދި ބަލަހައްޓަންޖެހޭ އުސޫލުތަކުން ބޭރުން ކުރާ (އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، މިފަދަ އުޅަނދުފަހަރު ހިފަހައްޓައި ފިޔަވަޅު އެޅުމުގައި އަމަލުކުރާ ޤާނޫނީ އިޖުރާއަތްތަކާއި، ”އިނޮސެންޓް ޕެސޭޖް“ ނުވަތަ ކުށެއް ނެތް ގޮތުގައި ކަނޑުގެ ސަރަޙައްދު ހުރަސްކުރުމާ ގުޅޭ ނިޒާމުތަކާ ބެހޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.











