މިއަހަރުގެ އުރީދޫ މޯލްޑިވްސް މަސްރޭހުގެ ކ.ހުރާގެ ޗެމްޕިއަންއަންކަން ’ޓީމް ބާކީ‘ ހޯދައިފި އެވެ.
މިމަހުގެ 22 ވަނަ ދުވަހު ކ.ހުރާގައި ކުރިއަށްގެންދިޔަ މަސްރޭހުގައި މާލެ ސަރަހައްދުން 19 ޓީމެއް ވާދަކޮށްފައިވާއިރު، ’ޓީމް ބާކީ‘ ޗެމްޕިއަންއަންކަން ހޯދީ ޖުމްލަ 544.5 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ދީފައި ވެއެވެ.
489.8 ޕޮއިންޓާ އެކު، މަސްރޭހުން ދެވަނަ ހޯދި ޓީމް ނޮރަ 10،000 ރުފިޔާ ލިބުނުއިރު، 370 ޕޮއިންޓާ އެކު ތިންވަނަ ހޯދި ޓީމް އަނަންތަރާ އަށް 5،000 ރުފިޔާ ގެ ފައިސާގެ އިނާމެއް ދީފައި ވެއެވެ.
މާސް ރޭހުގައި ވަނަވަނައިގެ އިތުރަށް ޚާއްސަ އިނާމުތަކެއްވެސް ދީފައި ވެއެވެ. އެގޮތުން އެންމެ ބަރު މަސް ބޭނި ޓީމް އަނަންތާރާގެ މަލާޒްއަށް 8 ބާގެ އިނާމު ދީފައި ވެއެވެ. އޭނާ ބާނާފައިވަނީ 20.6 ކިލޯގެ ފާނައެކެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށްވެސް ޚާއްސަ އިނާތަކެއް ދީފައި ވެއެވެ. 36 މަސް ބާނައިގެން އެންމެ މޮޅު ފިރިހެން މަސްވެރިޔާކަން ހޯދި ކްލަބް އެމްޓީސީސީގެ ޒިޔާދަށް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް އިނާމެއްގެގޮތުގައި ލިބުނެވެ. އަދި، 7 މަސް ބާނައިގެން އެންމެ މޮޅު އަންހެން މަސްވެރިޔާކަން ހޯދި ސްޓެލްކޯ ކަނބަލުންގެ އަމީނާއަށް ހައި ފިޝިންއިން ސްޕޮންސަރކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާރ (އެޗް/ޑީ) ދޮއްޓެއް ހަދިޔާކޮށްފައިވެއެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ބާއްވަނީ ކ. ހުރާ އާއި ށ. ފުނަދޫ ގައެވެ. މިއަހަރު ކުރިއަށް މިދަނީ 16 ވަނަ އުރީދޫ މަސް ރޭހެވެ.