ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކުރާ ”ކަނބަލުންގެ މަސް ރޭސް 2025“ ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކައުންސިލުން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަސް ރޭސް ރާވާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ. ކައުންސިލްގެ އީމެއިލް bids@kulhudhuffushicity.gov.mv މެދުވެރިކޮށް މިމަހުގެ 4 ވަނަދުވަހުގެ 10:30 ގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެގެންނެވެ. ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މިމަހުގެ 5ވަނަ ދުވަހުގެ 10:30 އެވެ.
ރަޖިސްޓްރީ ލިންކް: https://forms.office.com/r/vR5x4P7MPm
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 6ވަނަ ދުވަހުގެ ހެނދުނު 10:30ގައި ސިޓީ ކައުންސިލް އިދާރާގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބުކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް މި ލިންކުން https://kulhudhuffushicity.gov.mv/procurement/277 ޑައުންލޯޑު ކުރެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން މީގެކުރިންވެސް ކަނބަލުންނަށް ޚާއްސަ މަސް ރޭސްތައް ކާމިޔާބުކަމާއެކު ބާއްވާފައި ވެއެވެ.