މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން އައްޑޫ ސިޓީން ގަންނަ މަސް ސީދާ އައްޑޫއިން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހާމަކޮށް އެކުންފުނިން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުންޏަށް އައްޑޫ ސިޓީން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައ،ި ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފަށަން ރާވާފައިވާކަމަށެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށް ވެސް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ ބަޔާނުގައި އެކުންފުނީގެ ޕްރޮސެސިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއެކު، މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައ،ި ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމުގެގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައްވެސް ހާމަކޮށްފައި ވެއެވެ. އޭގެތެރޭގައި، ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއ،ި ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުން ހިމެނެއެވެ.
މިފްކޯއިން ބުނީ ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައްވެސް މި އޮގަސްޓް މަހު ތެރޭގައި ފަށާނެކަމަށެވެ. މި މަސައްކަތްތަކަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއްގެގޮތުގައި މިފްކޯއިން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައ،ި އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.