ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އަތުލައިގަނެފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(ޢެމްއެންޑީއެފް) އިން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އަތުލައިގަނެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސް ބޯޓެއްކަމަށެވެ.
އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގަތް މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ މެންދުރުފަހު 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.