ތ. ދިޔަމިގިލީ ކުޑަބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި ނަގައި އެތަން ހުސްކޮށްދިނުމަށް އެރަށު ކައުންސިލުން މުހުލަތެއް ދީފިއެވެ.

މިކަން އާންމުކޮށް އަންގާ އެރަށު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެސަރަހައްދު ހުސްކުރަން މުއްދަތެއްދިނީ، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ އަދި އެހެނިހެން ސާމާނު ބެހެއްޓުމަށް، ރަށުގެ ކުޑަބަނދަރު ސަރަހައްދު ބޭނުންވާތީކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ނިޔަލަށް އެސަރަހައްދުގައި ހުރި އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި ނަގައި، އެ ސަރަހައްދު ހުސްކޮށްދިނުމަށް އިއުލާނުގައި ކައުންސިލުން އެދިފައިވެއެވެ.

ކައުންސިލުން ބުނީ، ހުސްކުރަން ދިން މުއްދަތު ހަމަވާއިރު އެ ސަރަހައްދުގައި ނުނަގާ އެއްވެސް ފަރާތެއްގެ ތަކެތި ހުރިނަމަ، އެ ތަކެތި ކައުންސިލުން ނަގާނެ ކަމަށެވެ. އަދި، ކައުންސިލުން މިފަދަ ތަކެތި ނެގުމުގައި ލިބިދާނެ ގެއްލުމުގެ ޒިންމާ ނުނަގާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.