ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ އެހީތެރިކަމާއެކު ފަށާފައިވާ ”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯހުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގަމުން އަންނަ މި ޕްރޮގްރާމްގެ މި އަހަރުގެ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް ކުރިޔަށް ގެންދަނީ ކ. މަނިޔަފުށީގައެވެ. މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގައި 15 ފަރާތަކުން ބައިވެރިވިއެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޯހުގެ ކިޔެވުން ކުރިޔަށްދާއިރު، ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސަނީ ފިޝަރީޒް މިނިސްޓްރީންނެވެ.
”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ އަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ، ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށް މަގުފަހިވާނެގޮތަށެވެ. އެގޮތުން، މިޕްރޮގްރާމްގެ ދަށުން މި ހިންގާ ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަކުގެތެރޭގައި،އެކުއާކަލްޗަރގެ ނިޒާމުތައް، ދިރޭ ކާނާ އާލާކުރުން، މަހުގެ ބަޔޮލޮޖީ، ފާނަ އާލާކުރުން، ހުއިފި ލަނޑާ އާލާކުރުން، ދިވެހި މާގަނޑު މަސް އާލާކުރުން، އިތާމުތް އާލާކުރުން އަދި މޫދުވިނަ ހަދައި އާލާކުރުން ހިމެނެއެވެ. މީގެ އިތުރުން، އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުމާއި، އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރާނެ ގޮތްތައް ދަސްކޮށްދެއެވެ.