މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އައްޑޫ ސިޓީ ކަނޑުގެ ސަރަަހައްދުގައި އަސްކަރީ ތަމްރީންތަކެއް ފަށައިފިއެވެ.
ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް ބޭރުގައި ކަނޑުމަތީގައި އެމްއެންޑީއެފުން ކަނޑުގެ އަސްކަރީ ތަމްރީން ފެށީ މިއަދު ހެނދުނު 09:00ގަ އެވެ.
އެމްއެންޑީއެފްއިން ބުނީ، މިއަދާއި މާދަމާވެސް ހެނދުނު 09:00 އިން 12:00 އަށް މި ތަމްރީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ސ. ގަމުގެ ދެކުނުން 05 ނޯޓިކަލް މޭލު ބޭރުން 9000 މީޓަރ ދުރުމިނަށްކަމަށާއި، ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ސިލްސިލާކޮށް ކަނޑުމަތީ އަސްކަރީ ތަމްރީންތައް ހިންގާއިރު އަބަދުވެސް ތަމްރީން ފެށުމުގެ ކުރިން ދުރާލާ އެކަން އާންމުކޮށް އިއުލާނުކުރެއެވެ. އެއީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަމާލުކަމަށް އެކަން ގެނައުމުގެ ބޭނުމުގަ އެވެ.