ޖަޕާނުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަޝްވަރާކޮށްފި އެެވެ.
މިފްކޯގެ ބައެއް އިސްވެރިން މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ދިވެހި އެމްބަސީއާއެކު ބޭއްވެވި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ، މިފްކޯގެ މަހުގެ އުފެއްދުންތަކަށް އިތުރު ފުރިހަމަކަން ގެނައުމާއި، މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގެ ދިރުންތައް އާލާކުރުމުގެ ސިނާއަތް ތަރައްގީކުރުމަށްޓަކައި ޖަޕާނުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނެވެ.
މި މަޝްވަރާގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގެ ބައިވެރިން ވަނީ، މިފްކޯގެ މި މައްސައްކަތުގައި އެމްބަސީން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.











