ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް)ގެ ހުޅުމާލޭ އަދި ހިންމަފުށީ ޝެޑުން ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުގެ ސަބްސިޑީ ރޭޓުގައި މިހާރު ޑީސަލް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ބުނެފިއެވެ.
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(ޢެސްޓީއޯ)އާކު މިނިސްޓްރީން ކުރި މަސައްކަތުން މިގޮތަށް ނިންމާފައިވަނީ، މެދު އިރު މަތީގައި ހިނގަމުން އަންނަ ހަގުރާމައާއި ގުޅިގެން ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް މަސްވެރިންނަށް މަހަށް ނިކުމެވޭނެކަން ޔަގީންކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުގެތެރެއިންނެވެ.
މިނިސްޓްރީން ބުނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފަހި ހަކަތަ ޕްރޮގްރާމުގެ ދަށުން ތެލަށް ސަބްސިޑީ ދޭން ފަށާފައިވާކަމަށެވެ. އަދި، މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން ފަހި ހަކަތަ ސަބްސިޑީ ރިވައިޒްކޮށް ކޮންމެ ލީޓަރަކުން 0.84 ލާރި ދިނުމަށް ނިންމާފައިވާކަމަށާއި، ހަނގުރާމައާއި ގުޅިގެން ތެޔޮ އަގު ބޮޑުވި ވަގުތުވެސް ހަނގުރާމައިގެ ކުރިން މިފްކޯއިން ތެޔޮ ވިއްކަމުން ދިޔަ އަގުގައި މިހާރުވެސް މަސްވެރިންނަށް ތެޔޮ ވިއްކަމުން އަންނަކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ކަޅުބިލަ މަހުގެ މަސްވެރިންނެކޭ އެއްގޮތަށް ބޮޑުކަންނެލި މަސްވެރިންނަށް އެސް.ޓީ.އޯ ޝެޑް ރޭޓްގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިހާރު ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރުވެސް ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްކިރާ ކަންނެލި މަސްވެރިންނަށް ސަބްސިޑީ ރޭޓުގައި ޑީސަލް ލިބެއެވެ. މިނިސްޓްރީން ބުނީ، ކަންނެލި މަސްވެރިންނަށް ވެސް މި ހާލަތުގައި ދިމާވި ކަންތަކާއި ގުޅިގެން، ދިމާވާ ގޮންޖެހުންތަކަށް ސަރުކާރުން ކޮށްދެވޭނެކަންތައް ބަލައި، ކަޅު ބިލަ މަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެކޭ އެގޮތަށް ބޮޑު ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ދެމުން އަންނަކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، ހަނގުރާމައިގެ ހާލަތާއެކު ސަރުކާރުން ޔަގީން ކުރާ އެއްކަމަކީ މަސްވެރިން މަސްކަނޑުތަކައް ނިކުންނާނެކަމުގެ ޔަގީންކަންކަމަށެވެ. އެގޮތުން، މިވަގުތުވެސް މެދުކެނޑުމެއް ނެތި މަސްވެރު އުޅަނދުފަހަރަށް ޑީސަލް ދޫކުރެވޭ އިންތިޒާމު ހަމަޖައްސަމުން ގެންދަވާކަމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ލޮޖިސްޓިކް މައްސަލަތަކާހުރެ ޑީސަލް ދޫކުރުމުގައި ލަސްތަކެއް އައި ނަމަވެސް، މަސްވެރިންނަށް އެއްްވެސް ދަތިކަމެއް ނެތި ތެޔޮ ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.