މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގި ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޯހުގެ ނިންމުން ފާހަގަކުރުމަށް މިއަދު މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކް ޑިވެލޮޕްމަންޓް ބޭންކް ( އައި.އެސް.ޑީ.ބީ)ގެ ރީޖަނަލް ހަބް މެނޭޖަރ މުހައްމަދު ސުލެއިމާނެވެ. ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީވެސް ސުލެއިމާނެވެ.
އޮކްޓޫބަރ 18އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށްދިޔަ މިކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ތަމްރީނުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިއާއެކު މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން، ބޭސިކް މެރިކަލްޗަރ ކޯސް ފުރިހަމަކުރި ފަރާތްތަކުގެ އަދަދު ވަނީ 53އަށް އަރާފައެވެ.
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މިކޯހުގައި، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ”ހަފުތާ 14“ ގެ މަގުޗާޓުގައި ހިމަނައިގެން، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި، މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމް ހިމެނެއެވެ. މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެނީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މީގެ އިތުރުން، މެރކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މެރިކަލްޗަރ ތަރައްޤީކުރުމަށް 4 ޒޯނެއް ކަނޑައެޅުމުގެ އިތުރުން، މަނިޔަފުށްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއް، މެރިކަލްޗަރ ކުރުމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ. އަދި، މެރިކަލްޗަރގެ ސިނާޢަތު، ބާރު ދުވެއްޔެއްގައި ކުރިއެރުވުމަށްޓަކައި، މެރިކަލްޗަރ ޒޯންތަކުގައި ހަރަކާތްތެރިވާ ފޮރިން އިންވެސްޓަރުންނަށް ގިނަގުނަ ލުއިތަކެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.