ނ. ވެލިދޫ ލޯކަލް ބީޗް ސަރަހައްދުގައި ހުއްދަ ނެތި ކަނޑު އުޅަނދު އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅަން އެރަށު ކައުންސިލް ނިންމައިފިއެވެ.
ވެލިދޫ ލޯކަލް ބީޗަކީ އެކި ޢުމުރުފުރާގެ މީހުން މުނިފޫހިފިލުވުމާއި، ބާބެކިއު ހެދުމާއި، މޫދަށް އެރުންފަދަ ބޭނުންތަކަށް ޚާއްޞަކޮށް ހަދާފައިވާ ސަރަހައްދެކެވެ. އެސަރަހައްދުގައި ހުއްދަ ނެގުމެއްނެތި ކަނޑު އުޅަނދު އަޅާ ފަރާތްތަކައް ފިޔަވަޅު އަޅަން އެ ރަށު ކައުންސިލުން ނިންމީ، އެ ދިމާ މޫދުގައި އެކިސައިޒުގެ ލޯންޗު ފަހަރާއި، ބޮއްކުރާ ފަދަ އުޅަނދުތައް އަޅައި، އެފަދަ އުޅަނދުތަކުގެ ތެޔޮ ބަދަލުކޮށް، ފެހި ކަހައި، އެހެލުން ފަދަ ކަންކަންކުރުމުގެ ސަބަބުން އެސަރަޙައްދުގެ މޫދާއި، އެއްގަން ބޭނުންކުރާ ފަރާތްތަކަށް އެކިވަރުގެ ގެއްލުމާއި، ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ކައުންސިލް އިދާރާއަށް ތަކުރާރުކޮށް ހުށަހެޅަމުން ދިއުމާ ގުޅިގެން އެކަމަށް ގެނެވޭ ހައްލެއްގެ ގޮތުންނެވެ.
މިކަމާ ގުޅިގެން ވެލިދޫ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއިދާރާގެ ހުއްދަ ލިބުމަކާނުލައި ލޯކަލް ބީޗް ސަރަޙައްދުގެ މޫދުގައި އެއްވެސް އުޅަނދެއް އެޅުމާއި، އެހެލުމާއި، ބޭލުމާއި، ތެޔޮ ބަދަލުކުރުން އަދި ފެހިކެހުން ފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއިން އެއްވެސް ކަމެއް ކޮށްފިނަމަ އެރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ޢާންމު އުސޫލުގެ ދަށުން އުޅަނދުގެ ވެރިފަރާތާއި އެމަސައްކަތުގައި އިސްވެހުރި ފަރާތާމެދު ފިޔަވަޅު އަޅާނެކަމަށެވެ.












