މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ފާއިތުވި 15 މަސްތެރޭ އެންމެ ގިނަ އަދަދަކަށް މަސް ގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް، އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން ބުނީ މިފްކޯގެ ފެސިލިޓީސްތަކާއި، ކަލެކްޓަރ ވެސެލްތަކަށް ފާއިތުވި 15 މަސް ދުވަހު މަސްކިރުވާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، މި މުައްދަތުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން، އިއްޔެ 546 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މަސްވެރިކަން ރަނގަޅުވެ ގިނަ އޮޑިފަހަރުތައް މަހަށް ނިކުމެފައިވާއިރު، އެންމެ ބާރު ބޮޑުވެފައިވަނީ ދޮށީ މަސްވެރިކަމުގެ މައި މަރުކަޒުކަމަށްވާ ކޫއްޑޫ އަށެވެ. ކޫއްޑޫއަށް މަސް ކިރާ ކިއު ދިގުލައިގެން ދިއުމުގެ ސަަބަބުން މިފްކޯއިވަނީ، އެއްވެސް ހިފެހެއްޓުމެއް ނެތި އޮޑި ފަހަރަށް މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މަސް އެކްސްޕޯޓްކުރުމަށް ބޯޓެއް ގެނެސްފައިވާއިރު، މިމަހުގެ ނިޔަލަށް ބޯޓްތައް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ކެރިއަރ ވެސެލްތައްވެސް ހަމަޖައްސަމުންދާކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މިއީ، މެކްސިމަމްް ކެޕޭސިޓީގައި ފެސިލިޓީތަކަށް މަސްކިރަން އަވަހަށް ޖާގަ ހުސްކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.












