ލައްޓިއަކީ ކަނޑުމަހުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، އަތޮޅުންބޭރު މާކަނޑުގައި އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. އެންކެއުމަށް ފަރުފަރުގެ ވަރަށް ކައިރިއަށް ލައްޓި އައިސްއުޅެއެވެ. މިއީ ދިވެހި ކަނޑުމަސްވެރިކަމުގައި ދިރޭއެން އުކައިގެން ދޮށީގައްޔާއި ވަދުމަސްވެރިކަމުގައި ވަރަށް ގިނައިން ބާނާ މަހެކެވެ. ލައްޓިއަކީ ޢާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެކެވެ. ލައްޓި އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1 މީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ދެކޮތަރިބައި ނުގުޅި ހުންނަނީ ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. މަހުގެ މަތީބައިގައި ގަދަ ނޫކުލައިގެ ފުޅާރޮނގުތަކެއް ކަތިކޮށް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަންފަތްގަޑާދިމާލުން ބަނޑުދަށުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތައް ފާޅުކޮށް ފެންނަންހުރުމާއި، ލައްތަކުގެ ޢަދަދު މިބާވަތުގެ އެކިމަސްމަހުގައި ތަފާތެވެ.











