ސަރުކާރުގެ މަސް ކުންފުނި(މިފްކޯ) އަށް މިދިޔަ މެއިމަހު މަސް ވިއްކި އޮޑިފަހަރުތަކަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މިދިޔަ މަހު 693އޮޑިއަކުން ޖުމްލަ 1،791ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 31،081،853.00 ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.
މިދިޔަމަހުވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް ކިރާފައިވަނީ ކަޅުބިލަމަހެވެ. 367އޮޑިއަކުން 1،708ޓަނުގެ މަސްކިރާފައިވާއިރު، އެ އޮޑިފަހަރަށް 29،063،153.00 ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯއިން މިދިޔަމަހު ގަތް ކަންނެލި މަހުގެ ތަފްސީލަށް ބަލާއިރު، 109އޮޑިއަކުން 10 ކިލޯއިން މަތީގެ 6.9ޓަނުގެ މަސް ގަނެފައިވެއެވެ. އަދި އެ މަހަށް ޖުމްލަ 138މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، 217އޮޑިއަކުން 15ކިލޯއިން މަތީގެ 75.2ޓަނުގެ މަސް ގަނެފައިވާއިރު، އެމަހަށް 1.8މިިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
މިއަހަރުގެ އެޕްރީލް މަހާ އަޅާކިޔާއިރު، މެއި މިފްކޯއަށް މަސްކިރުވި އަދަދުވަނީ ބޮޑުތަނުން ދަށްވެފައެވެ. އެޕްރީލްމަހު 1068އޮޑިއަކުން ޖުމްލަ 4،414ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 78،778،405ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.