ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ހިންގާ ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ރާއްޖޭގައި އާ ޖީލުގެ ޒަމާނީ މަސްވެރި އުޅަނދު ފަރުމާކުރުމަށް ކޮންސަލްޓަންސީ މަސްވެރި އުޅަނދު ޑިޒައިންކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް) ގެ ޚަރަދަށް ވޯލްޑް ބޭންކުން ފައިނޭންސިންގ ހަމަޖެހިފައިވާތީ ލިބޭ ފައިސާގެ ބައެއް، ކޮންސަލްޓިން ސާވިސަސްގެ ތެރެއިން ބޭނުން ކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން، މި ސާވިސްގެ ތެރެއިން “ކޮންސަލްޓެންސީ ފާމް ފޯރ ޑިޒައިން ނިއު ޖެނެރޭޝަން ފިޝިންގ ވެސެލް” އަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ނިންމާފައިވާކަމަށާއި، އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެ ފަރާތްތަކުގެ ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“، 6 އޮގަސްޓު 2025 ގެ 1400 ގެ ކުރިން procurement.transform@fisheries.gov.mv އަށް އަދި ކޮޕީ aishathahmed@fisheries.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. އަދި، މިކަމަށް ޝަރުޠު ހަމަވާ ކޮންސަލްޓަންޓުން އެ ފަރާތްތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވާ ޤާބިލުކަމާއި، ގުޅުންހުރި ތަޖުރިބާ ދައްކުވައިދޭ މަޢުލޫމާތު ހުށަހަޅަންވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
ޓާމްސް އޮފް ރެފަރެންސްގެ 6 ވަނަ ބައިގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާކަން ސާބިތުކޮށްދޭ ހެކި:
1- މިފަދަ މަސައްކަތްތައް ކޮށްފައިވާކަމުގެ ތަފްޞީލީ ލިސްޓެއް
2- ރެފަރެންސް ސިޓީތައް / މަސައްކަތް ނިންމިކަމުގެ ލިޔުންތަކާއި އަދި ކުންފުންޏެއްގެ ގޮތުގައި ކާމިޔާބުކަމާއެކު ނިންމާފައިވާ އެއްބަސްވުންތައް
”ޓާމްސް އޮފް ރެފަރެންސް(ޓީއޯއާރް) މިކަމާ ގުޅޭގޮތުން މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާން އާއެކު އާންމުކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ، ކޮންސަލްޓަންޓެއް ހޮވުމުގައި ޢަމަލުކުރާނީ ޕްރޮކިއުމަންޓް ގަވާއިދުގައި ބަޔާންކޮށްފައިވާ ކޮންސަލްޓަންޓުންގެ ޤާބިލުކަމަށް ބިނާކޮށް ހޮވުމުގެ އުސޫލު، ސީކިއުއެސްއާ އެއްގޮތަށެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަން procurement.transform@fisheries.gov.mv އަށް އީމެއިލް ކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދިފައިވެއެވެ.
ޓްރާންސްފޯމް މަޝްރޫއަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި، އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއެކު އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އެއީ, ކެންޔާ، މޮޒަމްބީކް، ސޯމާލިއާ، ދެކުނު އެފްރިކާ، ޓެންޒޭނިއާ، ޔަމަން، ކޮމޮރޯސް، ލާ ރިޔޫނިއަން، މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސްއެވެ.