މާލެ ސިޓީ، ވެސްޓްޕާރކް ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ޤާއިމްކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މަސް ބާނާ ޕްލެޓްފޯމް ތަރައްގީ ކުރުމަށް ބޭނުންވަނީ ސެލްފް ފައިނޭންސް އުސޫލުން ކަމަށެވެ. އަދި އެގޮތައް އެ މަސައްކަތް ކުރިޔަށް ގެންދަން ބޭނުންވާ ފަރާތްތަކަށް މިހާރު ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ކައުންސިލުން ބުންޏެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އަންނަ މަހުގެ 7ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ސިޓީ ކައުންސިލްގެެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ މީޓިންގ ރޫމްގައި އޮންނާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުން މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑްހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
ބިޑް ހުށަހެޅުން އޮންނާނީ، އޯގަސްޓް 14ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ސިޓީ ކައުންސިލްގެެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ މީޓިންގ ރޫމްގައެެވެ. މަޢުލޫމާތު ސާފުކުރަން ބާއްވާ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.