އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ބޯޓް ޔާޑުގައި އެހެލާފައޮތް ’ވިލާ ބުރު‘ ނަމަކަށް ކިޔާ މި ބޯޓްގެ ވީލްހައުސްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 15:15 ހާއިރު ކަމަށް އެމްއެންޑިއެފްއިން ބުންޏެވެ. އަދި، އެ މައުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 15:50 ހާއިރުކަމަށާއި، އަލިފާން ނިއްވާލުމަށް މާމިގިލީ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަން ލިބުނުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.












